މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެއަށް އަތުވެއްޖެ އެވެ.
ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފްލައިޓުގައި 230 އަށްވުރެ ގިނަ ހާޖީން މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ އައި އިރު، ދެވަނަ ގްރޫޕުގެ ހައްޖުވެރިން ރާއްޖެ އައީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ތިންވަނަ ގްރޫޕު އައީ މި މަހުގެ 16 ވަނަ ދުވަހު ކަމަށްވާއިރު، އެންމެ ފަހު ގްރޫޕުގެ ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، މިއަހަރަކީ ދިވެހި ހައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. ”މިއަހަރު ހައްޖުވެރިން ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކު“ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ފަސޭހައަކީ، ސަޢޫދީ އަރަބިއްޔާއަށް އެތެރެވުމުގެ ކުރިން އިމިގްރޭޝަންގެ އެންމެހައި ކަންކަން ނިންމާލެވުނު ކަމެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް މި އިނީޝިއޭޓިވްގެ ދަށުން ލިބިގެންދިޔަ އެވެ.
މި އާ އިންތިޒާމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުވެގެންދިޔަ އެވެ. މިއީ ޚާއްޞަކޮށް ދުވަސްވީ އުމުރުފުރައިގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.
މީގެ އިތުރުން، މިނާ ފޭލިގެތަކުގެ ފެންވަރު މަތިކޮށް ކެޓެގަރީ ބީ އަށް ބަދަލުކުރެވުނު ކަމަށާއި، ޢަރަފާތުގެ އިންތިޒާމުތައްވެސް ކުރީ އަހަރުތަކަށްވުރެ ރަނގަޅު ކުރެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.