ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ އިންކުއަރީ ރިޕޯޓު އާންމު ކޮށްފި އެވެ.
މި އިންކުއަރީ ރިޕޯޓުގައި ވަނީ، ހާދިސާ ހިނގިރޭ ހައްވާ ޔުމްނު އާއި ރައުދު އަހްމަދު ހ. ފެންޓެނޯއީއަށް ދިޔުމުގެ ކުރިން ދިޔަ ތަންތަނުގެ ތަފުސީލު ހިމަނާފަ އެވެ. އަދި ހ. ފެންޓެނޯއީ އަށް ދިއުމަށްފަހު ހިނގާފައިވާ ކަންކަން ސީސީޓީވީ ފުޓެޖުން ފެންނަ ގޮތަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެގެއިން ރައުދު ނިކުމެ، ކަންހިނގައިދިޔަ ގޮތްވެސް ބަޔާންކޮށްފައިވެ އެވެ.
އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓިފައިވަނީ 18 އޭޕްރީލް 2025 ދުވަހުގެ ފަތިހު 04:54:22 ގައި ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ، ހ. ފެންޓެނޯއީ ޓެރަހުގެ ދޮރު އެރޭ ހުޅުވާފައި ހުރިކަން އެނގެން ނެތް ކަމަށެވެ. އެ ޓެރަހުގެ ތަޅު ޖޭމްވެފައި ހުންނަކަމާއި، އެ ތަޅު، ތަޅުދަނޑި ޖަހައިގެން ނޫނީ ނުހުޅުވޭނެކަމަށް ބުނެފައިވެ އެވެ. އަދި ޓެރަހުގެ ރެއިލިންގސްއިން ރައުދު ނުވަތަ ޔުމްނު ނުވަތަ އެނޫން ފަރާތެއްގެ ވިޔަސް ފިންގަރ ޕްރިންޓެއް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން ޔުމްނު ވެއްޓުނީ ޓެރަހުން ކަމަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ. އަދި ޔުމްނު ވެއްޓުނީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓުމުގައި ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީގޮތުން ނުވަތަ އެނޫން ގޮތަކަށްވެސް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ރައުދު ގަސްތުގައި ޔުމްނު ފުރާޅު މައްޗަށް ވައްޓާލިކަމަށްވެސް ކޮމިޝަނަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ކޮމިޝަންގެ ހޯދުންތަކުން ޔުމްނު އަމިއްލަ އިޚްތިޔާރުގައި ފުންމާލި ކަމަށް ބެލެވެން ނެތްކަަމަށްވެސް އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
”… ރައުދު އަހްމަދު އާއި ހައްވާ ޔުމްނު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެމީހުން އުފުލަން ޖެހޭނެތީ، މި ހާދިސާ ހިނގި ރޭ އެވަގުތު، ހައްވާ ޔުމުއާއެކު މަސްތުގެ ހާލަތުގައި އުޅުނީ ރައުދު އަހްމަދު ކަމަށްވެފައި، ހައްވާ ޔުމްނު ވެއްޓުމުގެ ކުރިން މި ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރުގައްޔާއި، އަދި އެރޭ މއ. މާންދޫގޭ ދެކުނުގެއިން ނުކުތް ފަހުން ހ. މާއިރާއަށް ދިޔުމާ ދޭތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާންނެތް ކަމަށް ރައުދު އަހުމަދު ބުނެފައިވާތީ، ހައްޔާ ޔުމްނު ހ. ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ވެއްޓުމުގައި ރައުދު އަހްމަދުގެ އިހުމާލު އޮތްކަމަށް މި ކޮމިޝަނަށް ބުރަވެވެ އެވެ.“ ރިޔާސީ ކޮމިޝަންގެ އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޔާސީ ކޮމިޝަނަށް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ނަމަވެސް ރައުދުގެ އިތުރުން އެމީހުންނާއެކު އެރޭ އުޅުނު މީހުންނާއި، ހ. ފެންޓެނޯއީ ކައިރިން ރައުދުއާ ދިމާވި މީހުންގެ ބަޔާންތައް ރިޔާސީ ކޮމިޝަނުން ނަގާފައިވެ އެވެ.
ރިޔާސީ ކޮމިޝަންގެ އިންކުއަރީ ރިޕޯޓާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ކޮމިޝަނާއި މަތިކުރެއްވި މަސައްކަތް ފުރިހަމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭގައި ކަމަށާއި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކޮމިޝަނެއްގެ މަސައްކަތް ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ކޮމިޝަންގެ މެންބަރުން
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
މި މައްސަލައިގައި ރައުދުގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފަ އެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. މި ދައުވާގެ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
