ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށާއި، އެ ކޮމިޝަނުން ފާހަގަކުރި ކަންކަން ތަންފީޒުކުރުމަށް ރައީސް މުހައްމަދު މުއިއްޒު، ކަމާބެހޭ މުއައްސަސާތަކަށް އަންގަވައިފި އެވެ.
2025 އޭޕްރީލް 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކޮށްފައިވާ ގޮތުގައި ގިނަ އިހުމާލުތަކެއް ހުރިކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ތަނަށް އިންވެސްޓިގޭޝަން އޮފިސަރު ދިޔުމުގައި ލަސްވުމާއި، ކުށުގެ ވެށި އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުން ހިމެނެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު އިހުމާލުތަކުގެ ތެރޭގައި:
– ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް ލިބުނީ ގަޑިއެއްހާއިރު ފަހުން
– ކްރައިމް ސީން ޕްރޮސެސްކުރިއިރު ތަހުގީގީ އޮފިސަރެއް ހާޒިރުވެފައި ނެތުން
– ކުށުގެ ވެށި އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުން
– ހ. މިޓާޒްގެ ފުރާޅުމަތިން ހެކި ހޯދުމަށް މަސައްކަތްކޮށްފައި ނުވުން
ތަހުގީގަށް ދީފައިވާ ދޮގު މައުލޫމާތު
މި މައްސަލައިގައި ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްގެ އިހުމާލުގެ އިތުރުން، އޭނާގެ ބޭބެ ދާއޫދު އަޙްމަދު ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި މި ހާދިސާ ކަމާބެހޭ ފަރާތްތަކަށް ނާންގައި ތިބުމުގައި ދާއޫދު އަޙްމަދާއި، ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭތީ، މިކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ހޮސްޕިޓަލުގެ އިހުމާލުތައް
އައި.ޖީ.އެމް.އެޗް. އާއި އެ ހޮސްޕިޓަލުގެ ފެމިލީ ޕްރޮޓެކްޝަން ޔުނިޓުން (އެފް.ޕީ.ޔޫ.) ވެސް މި މައްސަލައިގައި އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. ”ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އައި.ސީ.ޔޫ.އިން އެފް.ޕީ.ޔޫ.އަށް އެންގި ނަމަވެސް، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވެ އެކަން ނުކޮށް ދޫކޮށްލާފައިވާކަން“ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ފާހަގަކުރެވުނު އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް އަލުން މުރާޖަޢާކޮށް، މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމަށާއި، އިހުމާލުވި މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވެ އެވެ. މީގެއިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި ސިއްހީ ވުޒާރާއަށްވެސް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަން ފާހަގަކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންހެނަކު ވެއްޓުން