ރާއްޖޭގެ އަބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއިން ބުނެފި އެވެ.
މިނިސްޓްރީއިން ބުނީ، އެމީހުންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ އަމިއްލަ މިނިވަންކަމާއެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައިވަނީ ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއް ކަމަށާއި އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމައުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންނަ ކަމަށެވެ. އެހެންނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމައުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެގޮތުން ޝާމިލުކުރަނިވި މުޖުތަމައެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ޚިޔާލު ހޯދަންވާނެ ކަމަށާއި، އާއިލާގެ ތެރޭގައި ނިންމާ ނިންމުންތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަޤުބަލާއި ގުޅުންހުރި ކަންކަން ނިންމުމުގައި، ވީހާވެސް ބޮޑަށް އެމީހުންގެ ބަސް ހޯދުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި، ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް އާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ
