ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާ، ރައްޔިތުންނަށްޓަކައި މަސައްކަތް ނުކުރާ ކަމަށާއި އެ ފައިސާ ގިނައިން ހުންނަނީ ކައުންސިލްތަކުގެ އެކައުންޓްގައި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުަމށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން މި ޤަރާރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށް މުސާރައިގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 975 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ސިވިލް ސާވިސް މުވައްޒަފުން ނުލާ، ހަމައެކަނި ކައުންސިލަރުންގެ މުސާރައަށްވެސް އަހަރަކު 325 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގުމަށް ކޮންމެ އަހަރަކު 54.5 މިލިއަން ރުފިޔާ ހަރަދުކުރެވޭ ކަމަށާއި އަދި އަތޮޅު ކައުންސިލްތައް ހިންގުމަށް އަހަރަކު 11.8 މިލިއަން ރުފިޔާ ހަރަދު ކުރާކަމަށް ނާޒިމް ވިދާޅުވި އެވެ.
މިހާރު ލާމަރުކަޒީ ނިޒާމު އޮތްގޮތުން ހިންގުމުގެ ހަރަދަށްވެސް ކޮންމެ އަހަރަކު ބިލިއަނެއްހާ ރުފިޔާ ހަރަދުވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، ޚަރަދުތައް އިގްތިސާދު ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި އިގްތިސާދު ކުރެވޭނެ ގޮތްތަކާމެދު ވިސްނިންޖެހޭ ކަމަށެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ދޭކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، 2024 ވަނަ އަހަރު 2.4 ބިލިއަން ރުފިޔާ ދިނުމަށް ކަނޑައެޅުނު ކަމަށެވެ.
”އަޅުގަނޑުމެންގެ މައްސަލަ އޮތީ، އާމްދަނީ އިތުރު ކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ޓެކްސް ބިލްތަކާ އެއްގޮތަށް ދައުލަތުގެ އާމްދަނީ 2025 ވަނަ އަހަރު ބޮޑުވެގެން އަންނައިރު، އެ ބޮޑުވާ އާމްދަނީގެވެސް 5 ޕަސެންޓް ވެސް ދޭންޖެހުން.“ ނާޒިމް ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ ބޮޑުވާ ވަރަކަށް ބްލޮކް ގްރާންޓްގެ އަދަދު ބޮޑުވަމުންދާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
މިއީ ރައްޔިތުންނަށް އެއްޗެއްލިބޭތީ ކަންބޮޑުވާ ވުމެއް ނޫން ކަމަށާއި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާގެ ތެރެއިން ކައުންސިލްތަކަށް ހަރަދު ނުކުރެވި 1.7 ބިލިއަން ރުފިޔާއާއި 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރާކަމަށް ނާޒިމް ވިދާޅުވި އެވެ.
”މި ފައިސާއަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ނުކުރާ ފައިސާ. ސަބަބަކީ މި ފައިސާގެ އެކްސެސްއެއް މިހާރު ސަރުކާރަކަށްވެސް ނެތް އަދި އެ ކައުންސިލްތަކަކަށްވެސް މި ފައިސާ ހަރަދުކުރެވޭނެ ގޮތްތަކެއް ނެތް.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިއީ މި ގާނޫނު އިސްލާހު ކުރަންޖެހޭ އެއް ސަބަބު ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް މިހާރު އޮތް މޮޑެލްއަކީ އެއްގޮތަކަށްވެސް މަސައްކަތް ނުކުރާ މޮޑެލްއެއް ކަމަށާއި އަދި މި ކަމުގައި ދެވަނަ ވިސްނުމަކަށްވެސް ދާންޖެހޭ ކަމަށް ވިދާޅުވި އެވެ.
ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނުކުމެ އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ކަމަށާއި އެކަމަށްޓަކައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށްފަހު ކައުންސިލަރުންނަށް ދޭ މުސާރަ ބޮޑު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތަށް ހެދިއްޖެނަމަ، ކިޔަވައިގެންތިބި ޒުވާނުން އެ މަގާމުތަކަށް ކުރިމަތިލާނެކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
