ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
މި ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އިން ރޭގަނޑު 8 އަށެވެ. މި ކްލިނިކްގައި ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި މަޑުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމަށާއި އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އައުމަށް ފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން ނުވަތަ ނޭވާލުމުގައި ދަތިކަން ހުރި ނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އިރުޝާދު ދެ އެވެ.
އެ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކުން، ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދޭނެ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ވަނީ ފްލޫ ކްލިނިކްތަކެއް ހުޅުވާފަ އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެއްވި ގޮތުގައި، އެ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ޙައްޖުވެރިންގެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ފްލޫ ކްލިނިކަށް ދައްކަން ދާން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހައްޖުވެރިންގެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ރޭގަނޑު 08:00 އަށެވެ.