އިނގިރޭސިވިލާތުގެ ބްލެންހެމް ޕެލަސްގައި 2019 ވަނަ އަހަރު ބޭއްވި މައުރަޒެއްގައި ބަހައްޓާފައިހުރި 4.8 މިލިއަން ޕައުންޑުގެ ރަން ފާޚާނާތަށްޓެއް ވަގަށް ނެގި 2 މީހަކަށް ޖަލު ހުކުމް އިއްވައިފި އެވެ.
18 ކެރެޓް ރަނުގެ މި ފާޚާނާތަށި ވަގަށް ނަގާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މައްސަލައިގައި ހިމެނޭ ޖޭމްސް ޝީން އަދި މައިކަލް ޖޯންސް ހައްޔަރު ކޮށްފައިވަނީ، އެ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ނަމަވެސް އޭގެފަހުން އެ ދެ މީހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
މި ދެމީހުންގެ ތެރެއިން ޖޭމްސް ޝީން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. މި މައްސަލައިަގއި ދެން ހިމެނޭ މައިކަލް ޖޯންސްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ އިއްވާފައިވަނީ 2 އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.
ޖޭމްސް ޝީން މި ކުށަށް އިއުތިރާފުވެފައިވަނީ، ވައްކަންކުރި ތަނުން އޭނާގެ ޑީއެންއޭ އަދި އޭނާގެ އަންނައުނުން ރަނުގެ އެތިކޮޅުތަކެއް ފުލުހުން ހޯދުމުންނެވެ.
މި މައްސަލައިގައި ވަގަށް ނެގި ރަން ފާހާނާ ތަށި ހޯދިފައެއް ނުވެ އެވެ. އެ ފާޚާނާތަށި ވަގަށް ނެގިތާ ގިނަ ދުވަސްތަކެއްނުވެ ވިއްކާލާފައިވާ ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.