އެއްވެސް ގޯއްޗެއް އުނިނުވާނެ، ފޭސް 3 ގެ ގޯތިތައް ހަވާލުކުރާނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ފޭސް 3 އިން ދީފައިވާ ގޯތިތަކުން އެއްވެސް ގޯއްޗެއް އުނި ނުވާ ގޮތަށް ދޭން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، ދިރިއުޅުން ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯތިތައް ދޭނެ ގޮތް ވެސް ވައުދުވެފައިވާނެ ކަމަށާއި އެވައުދުފުޅަކީ، ކޮންމެ ސަރުކާރަކުން ދިން ނަމަވެސް، އަތު ނުލައި އެ ގޯއްޗާއި ފްލެޓްތައް ރައްޔިތުންނަށް ދިނުން ކަމަށެވެ. އަދި އެ ވައުދުފުޅާ އެއްކޮށް، އާންމު އުސޫލުގެ މަތިން އެއްވެސް ފަރާތަކުން އޮޅުވާލައިގެން ޝަރުތުހަމަ ނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް ނިންމާފައިވާނަމަ، ކެންސަލް ވާނެ ކަމަށް މީގެކުރިންވެސް ދެންނެވި ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ފޭސް 3 އަށް މިހާރު އެޗްޑީސީގެ ފަރާތުން އާ މާސްޓާ ޕްލޭނެއް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓް އޮތްގޮތުން އެއްވެސް ގޯއްޗެއް އުނި ނުވާ ގޮތަށް، ހިއްކުމުގެ ކަންކަން އެޗްޑީސީން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

”މިޒަމާނުގެ ކޮންސެޕްޓަށް ފިޓުވާ ގޮތަށް، ޕްލޭން ހަދާފައި އެއްވެސް ގޯއްޗެއް އުނި ނުވާ ގޮތަށް، ހިއްކުމުގެ ކަންކަން އެޗްޑީސީން ކުރިއަށް ގެންދާނީ. ގެންގޮސް ފޭސް ތިނަކުންނާ ފޭސް ދޭކުން ދެން ނުދެވި ހުރި ހުރިހާ ގޯތި ހަވާލު ކުރާނެ.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރައްވަނީ ސެޕްޓެމްބަރު މަހާއި ހަމައަށް ވީހާ ވެސް ގިނަ ރައްޔިތުންނަށް ފްލެޓްތައް ހަވާލު ކުރުމަށް ކަމަށެވެ. އަދި ފްލެޓްތައް ނިމެމުންދާ ވަރަކުން ރައްޔިތުންނަށް ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިންވެރިޔާ ސްކީމް ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ