ބަޖެޓުގެ ބޭރުން 2023 ގައި 2 ބިލިއަން ރުފިޔާ ހަރަދު ކުރި: އޮޑިޓް ރިޕޯޓު

Advertisement

އެންމެ ފަސް

Advertisement

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓުގެ ބޭރުން 2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން ނެރުނު 2023 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމެންޓް (ސީއެފްއެސް) އާ ބެހޭ ރިޕޯޓުގައި ބުނެފައިވަނީ 2023 ގެ ސީއެފްއެސްގައި ނުހިމަނާ، އަމިއްލަ ވިޔަފާރިތަކަށް 2.14 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މި އަދަދު ހިމެނުމުން އެ އަހަރު ކުރި ހަރަދުކަމުގައި ބުނެފައިވާ 55.7 ބިލިއަނުގެ ބަދަލުގައި އަސްލު ހަރަދުކޮށްފައިވަނީ 57.8 ބިލިއަން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ 2023 ގެ ސީއެފްއެސްގައި ނުހިމަނާ ހަރަދުކޮށްފައިވާ 2.14 ބިލިއަން ރުފިޔާގެ ސަބަބުން 2023 ވަނަ އަހަރަށް މަޖިލީހުން ފާސް ކުރި 49.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 2.12 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ވަނީ 2023 ވަނަ އަހަރު ޕީއެސްއައިޕީގެ މަޝްރޫތަކަށް ބަޖެޓުކޮށްފައިވާ 10.3 ބިލިއަން ރުފިޔާއަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށްވެސް ބުނެފަ އެވެ.

މިފަދަ މައްސަލަ ތަކަކީ ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނުގެ އިތުރުން ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން (ޕީއެފްއާރް) އާވެސް ހިލާފު ކަމެކެވެ.

2023 ވަނަ އަހަރުގެ ސީއެފްއެސްގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގެ މާލީ ބަޔާން ހިމަނާފައި ނުވާކަމަށްވެސް އޮޑިޓް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ ކޮންމެ ފަންޑަކީ އަހަރީ މާލީ ބަޔާނުގައި ހިމަނަން ޖެހޭ ފަންޑެއްކަމުން އެސްޑީއެފްގެ މާލީ ބަޔާންވެސް ހިމަނަން ޖެހޭނެކަމަށް ބުނެފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ މި މައްސަލަތައް ހައްލު ކުރުމަށާއި މައްސަލަތައް ތަކުރާރު ނުވާނެ ގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ގިނަ ލަފާތަކެއް ދީފަ އެވެ. އެގޮތުން މަޖިލީހުން ފާސް ކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ނުކުރުމަށާއި ބަޖެޓު އިތުރު ކުރަން ޖެހޭ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރުމަށް ލަފާ ދީފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮޑިޓް ރިޕޯޓު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ