އައިޖީއެމްއެޗްގައި ބައިޕާސް ސާޖަރީއާ އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ ހިދުމަތް މި އަހަރު ފަށާނީ

Advertisement

އެންމެ ފަސް

Advertisement

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މި އަހަރު ތެރޭގައި ބައިޕާސް ސާޖަރީއާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި އަލަށް ތަރައްގީކުރެވުނު 75 އެނދުގެ ސާޖިކަލް ވިންގު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ހޮސްޕިޓަލުން މިހާރު 30 އަށްވުރެ ގިނަ މަލްޓި ސްޕެޝަލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލް ފުރަތަމަ ހުޅުވުނު އިރު ސްޕެޝަލިޓީ ޚިދުމަތްތައް މަދު ނަމަވެސް، މިހާރު ވަނީ އެ ޚިދުމަތްތައް ފުޅާކޮށް، ގިނަ ސްޕެޝަލިސްޓް ޚިދުމަތްތަކެއް ތަޢާރަފްކޮށްފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރު ތަޢާރަފްކުރި އެންޑޮސްކިއުލާ ނިއުރޯ ސަރޖަރީގެ ޚިދުމަތްވެސް ހިމެނެ އެވެ.

”މި އަހަރު އަޅުގަނޑުމެން ގަސްތުކުރަނީ ކާޑިއޯ ތޯރެސިކް ސަރޖަރީ، ބައިޕާސް ސަރޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ފެށުމަށް،“ ހަލީމް ވިދާޅުވި އެވެ.

އަލަށް ހުޅުވުނު މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގުގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި، ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި އަދި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ އެވެ. މި ވިންގާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމްލަ އަދަދު 510 އަށް އިތުރުވެފައިވެ އެވެ.

ހަލީމް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވެ އެވެ. އަދި ހޮސްޕިޓަލުގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށްޓަކައި 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.

މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ސަރޖިކަލް ވިންގް އިފްތިތާޙުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް، ވަޒީރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސަރޖަރީ ޑޮކްޓަރ މުޙައްމަދު ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ މަރިޔަމް ޝިފާ، ބައިވެރިވެވަޑައިގަތެވެ.

އައިޖީއެމްއެޗް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ