ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ހަވާލުވިއިރު ރިމާންޑްކުރެވޭނެ އެއްވެސް ނިޒާމެއް ކުރީ ސަރުކާރުން ގާއިމްކޮށްފައި ނުވާ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެޔާ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ލުބުނާ ވިދާޅުވީ، ޕަބްލިކް ސޭފްޓީ މުހިންމު ކަމަށާއި، ކުޑަކުދިންނަށް މަސްތުވާތަކެތި ނަގާ މީހުން ފެނުމަކީ ކަންބޮޑުވާނެ ޖެހޭ ކަމެއް ކަމަށެވެ. ލުބުނާ ވިދާޅުވީ، އެ ސަބަބުތަކަށްޓަކައި މީހުން ރިމާންޑް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
”ދެން އަޅުގަނޑުމެން ހަވާލުވިއިރު ރިމާންޑް ކުރެވޭނެ އެއްވެސް ނިޒާމެއް ނެތް ކުރީ ސަރުކާރުން ގާއިމް ކޮށްފަކާއެއް. ޕޮލިހުންނަކާވެސް މިކަހަލަ އެރޭންޖްމެންޓެއް ހެދިފަކާނެތް.“ ލުބްނާ ވިދާޅުވި އެވެ
2011 ވަނަ އަހަރު ހެދި މަސްތުވަތަކެތީގެ ގާނޫނުން ރިމާންޑް އޮޕަރޭޝަންސް އަދި ރިމާންޑަށް މުއްދަތު ދިނުމަކީ ހަމަޖެހިފައި އޮތް ކަމަކަށްވީ ނަމަވެސް ޕްރެކްޓިސް ކޮށްފައިނުވާކަން ލުބްނާ ފާހަގަކުރެއްވި އެވެ.
ލުބްނާ ވިދާޅުވީ ބޭނުމަކީ ރިމާންޑް ސެންޓަރަށް ގެނެވޭ މީހުން 30 ދުވަސްވުމުން ދޫވެގެން ދިއުން ނޫންކަމަށާއި، ބޭނުމަކީ ލޯންގްޓާމް ރިހެލިޓޭޝަން ފަރުވާގެ ސިސްޓަމްގެ ތެރެއަށް އެމީހުން ވައްދައި، އެމީހުންނަށް ރަނގަޅު ފަރުވާއެއްދީ އެމީހުންނަކީ މުޖުތަމައަށް ބޭނުންހިފޭނެ ބަޔަކަށް ހެދުން ކަމަށެވެ. މިކަމުގައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާ ކަމަށް ލުބްނާ ވިދާޅުވި އެވެ.
މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވާއިރު މީގެ ތެރެއިން %70 މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދިފައިވާ ކަމަށްވެސް ލުބުނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ