މި އަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލު ވިދާޅުވެފައިވަނީ، މީގެ ކުރިން ބަހުގައި 8-10 ގަޑިއިރު ހޭދަކޮށްގެން މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު، މިއަހަރުން ފެށިގެން ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ބަދަލާއެކު ދަތުރުގެ ވަގުތު ދެ ގަޑިއިރަށް ކުރުވެގެންދާނެ ކަމަށާއި، މިއީ ހައްޖުގެ އަޅުކަން ނިންމުމަށްފަހު ހައްޖުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ހައްޖަށް ދިވެހި ހައްޖުވެރިން ފުރަން ފަށާފައިވާއިރު، ދަތުރުފަތުރު އިތުރަށް ފަސޭހަކުރުމަށް ހާއްސަކޮށްގެން މިއަހަރު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިކޮށްފަ އެވެ. މި އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލިބިގެންދާ އެންމެ ބޮޑު އެއް ފަސޭހައަކީ، ސަޢޫދީ އަރަބިއްޔާއަށް އެތެރެވުމުގެ ކުރިން އިމިގްރޭޝަންގެ އެންމެހައި ކަންކަން ނިންމާލެވޭނެ ކަމެވެ.
އިތުރު ފަސޭހައެއްގެ ގޮތުގައި، ހައްޖުވެރިންގެ ފޮށިތައް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް މި އިނީޝިއޭޓިވްގެ ދަށުން ލިބިގެންދާނެ އެވެ. މި އައު އިންތިޒާމުގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުވެގެންދާނެ ކަމަށް ވެސް ޝަކީލު ފާހަގަކުރެއްވި އެވެ.
މި އައު އިންތިޒާމުތަކަކީ ޚާއްޞަކޮށް ދުވަސްވީ އުމުރުފުރައިގެ ޙައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ހައްޖު ކޯޕަރޭޝަނުން ފާހަގަކޮށްފައިވެ އެވެ.
ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު