ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓެލްކޯއަށް ލިބިއްޖެ އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައިވަނީ ރޭ ސޯޝަލް ސެންޓަރުގަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ލިބިފައިވަނީ ސްޓެލްކޯއަށެވެ. މި އިނާމާއި ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯއިން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެކުންފުންޏަށް އެވޯޑް ލިބިފައިވަނީ ”ރީޖަނަލް ސްކާޑާ“ ސިސްޓަމް އެ މައުރަޒުގައި ބައިވެރިކޮށްގެން ކަމަށެވެ.
މި އެވޯޑް ލިބުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ އެކަން ކާމިޔާބުކުރުމަށް އެމަސައްކަތް ކުރި ޓީމަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު“ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024ގަ އެވެ.
މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ.