ބ. ދަރަންވަންދޫއާއި އެ އަތޮޅު އޭދަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިއަދު ބުނެފައުވަނީ، މީގެ ކުރިން އެ އަތޮޅުގެ ރަށްތަކުން އައިޑީކާޑު ހެއްދުމަށް ޖެހެނީ މާލެ ފޮނުވަން ކަމަށެވެ.
ދަރަންވަންދޫ އަދި އޭދަފުށީގައި މި ހިދުމަތް ފެށުމުން، އޮންލައިންކޮށް ފޯމު ފުރުމަށްފަހު ހުށަހަޅައިގެން ވެސް ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިހާރު އެ ރަށްރަށުން ލިބޭނެ އެވެ.
މީގެކުރިން ފޮނުވާ ކާޑުތައް ޕްރިންޓް ކުރުމަށްފަހު އެންމެ ފުރަތަމަ ޑީއެންއާރުއިން ފޮނުވަނީ އަތޮޅު ކައުންސިލަށެވެ. އަދި ރަށްތަކަށް އެ ކާޑޫތައް ލިބެނީ އަތޮޅޫ ކައުންސިލުން ކާޑޫތައް ފޮނުވުމުންނެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
އެގޮތުން، އެ ޚިދުމަތް 15 ރަށެއްގައި ދެމުން އަންނައިރު، އިތުރު ރަށްތަކުގައި އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.