1446 ވަނަ އަހަރުގެ ހައްޖު މިޝަންގެ މެންބަރުންނާއި، ހައްޖު ކޯޕަރޭޝަންގެ އެޑުވާންސް ޓީމު ސައުދީއަށް ފުރައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މި މިޝަނަކީ މިއަހަރުގެ ހައްޖުގައި ދިވެހިރާއްޖޭގެ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ފޮނުވާފައިވާ މެންބަރުންތަކެކެވެ. އަދި ހައްޖު ކޯޕަރޭޝަންގެ އެޑުވާންސް ޓީމުވެސް މިއަދު ވަނީ ފުރައިފަ އެވެ. އެ ޓީމަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ފުރި ޓީމެކެވެ.
ބުދަ ދުވަހު ”ޖަވިޔަނި“ އަށް މައުލޫމަތުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ މިއަހަރުގެ ހައްޖުގެ ތައްޔާރީތަކުގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. މިގޮތުން ސައުދީ އެއަރގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓް މެދުވެރިކޮށް ހައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށާއި، އެންމެ ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް ޝަކީލް ވިދާޅުވި އެވެ.
މިއަހަރުގެ ހައްޖު ދަތުރުތަކަށް ސަރުކާރުން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވެއެވެ. މިގޮތުން ކޮންމެ ހައްޖުވެރިއަކަށް ބޭންކު ރޭޓުގައި 1،750 ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ހައްޖު ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް