ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ހައްޖު ކޯޕަރޭޝަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުފައިސާ ލިބުމުގެ ދަތިކަން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
”ޖަވިޔަނި“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޝަކީލް ފާހަގަކުރެއްވި ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަކީ ސައުދީ އަރަބިއްޔާގައި ފޯރުކޮށްދެވޭ ޚިދުމަތްތަކެވެ. މިހާތަނަށް ހައްޖާ ގުޅިގެން ބޭނުންވާ ބޭރުފައިސާ ހޯދުމަށް ސަރުކާރުގައި އެދިގެން ފިނޭންސް މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
”އެހެންނަމަވެސް ސަރުކާރަށް އެއްކޮށް ޑިޕެންޑްވެގެން ކުންފުނި ހިންގުމަކީ ރަނގަޅު ގޮތެއް ނޫން، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫން،“ ޝަކީލް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުންޏެއް ހިންގަންވާނީ އަމިއްލަ ފައިމައްޗަށް ތެދުވެގެންނެވެ.
ހައްޖު ކޯޕަރޭޝަން ހަރުދަނާކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ބޭރުފައިސާ ހޯދޭނެ އެކި މަގުތައް ދިރާސާކުރަމުންދާ ކަމަށްވެސް ޝަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރާނެ އެވެ. އަދި މިއަހަރުގެ ހައްޖު ދަތުރުތަކަށް އިތުރު އެހީއެއްގެ ގޮތުގައި ކޮންމެ ހައްޖުވެރިއަކަށް ބޭންކު ރޭޓުގައި 1,750 ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ހައްޖު ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް