މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހައްޖުވެރިން ފުރުން ހަމަޖެހިފައިވަނީ 4 ފުލައިޓަކަށް ބަހާލައިގެން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޖަވިޔަނި ނޫހަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވި ގޮތުގައި، މި ފަހަރު ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއަރގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓް މެދުވެރިކޮށެވެ. މި ގޮތުން ފުރަތަމަ ފުލައިޓު ފުރާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށާއި، އެންމެ ފަހު ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް ޝަކީލް ވިދާޅުވި އެވެ.
”4 ފުލައިޓަކަށް ބަހާލާއިރުގައި 26 މޭ، 27 މޭ، 29 މޭ އަދި 30 މޭ، މި ހަތަރު ދުވަހު ހަތަރު ފުލައިޓަކަށް ބަހާލައިގެން 1000 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ،“ ޝަކީލް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ހައްޖުގެ ތައްޔާރީތަކުގެ 99 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މައްކާގައި ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައްވެސް ވަނީ ފުރިހަމަކޮށްފަ އެވެ. މިވަގުތު ކުރިއަށްދަނީ އިދާރީ ގޮތުން ނިންމަންޖެހޭ ކުދިކުދި މަސައްކަތްތައް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ހައްޖު ދަތުރުތަކަށް ސަރުކާރުން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވާކަން ފާހަގަކުރެވެ އެވެ. މިގޮތުން ކޮންމެ ހައްޖުވެރިއަކަށް ބޭންކު ރޭޓުގައި 1،750 ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ހައްޖު ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް