ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރިގޭގެ ފުރާޅުމައްޗައް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އާންމުކޮށްފި އެވެ.
ހ. މިޓާޒްގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ.
އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރުކުރައްވާފަ އެވެ.
އެގޮތުން، ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.
ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އިއްޔެވަނީ ގެޒެޓުކޮށްފަ އެވެ. އެ ގަވާއިދުގައި ކޮމިޝަނުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ސުލޫކީ މިންގަނޑުތައް ހިމަނާފައިވެ އެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކާއި އެ ބައްދަލުވުންތަކުގައި ގޮތް ކަނޑައަޅާނެ ކަންކަމާއި ކޯރަމާއި ކަންކަން ފާސްވާނެ ގޮތް ބަޔާންކޮށްފައިވެ އެވެ.
ހިންގާ ގަވާއިދުގައިވާ ގޮތުން ކޮމިޝަނުގެ ބައްދަލުވުން ރަސްމީ ބަންދު ދުވަސް ފިޔަވައި ހަފުތާގެ ފަސް ދުވަހު ބާއްވަން ޖެހެ އެވެ. ބައްދަލުވުންތަކުގައި ގޮތް ކަނޑައަޅާނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޮމިޝަނަށް ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުމާއި މައްސަލަ އާ ގުޅިގެން ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ކޮމިޝަނަށް ހުށަހެޅުމަށް އެދުމަށާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި އާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި އެފަދަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ އިތުރުން ކޮމިޝަން ހިންގުމާ ގުޅޭ އިދާރީ ކަންކަމާ މެދުގަ އެވެ.
ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ތިން މެމްބަރުން ހާޒިރުވެ ތިބެގެން ކަމަށް ގަވާއިދުގައިވެ އެވެ. ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިޝަނުގެ އިއްތިފާގުން ނިންމަން މަސައްކަތް ކުރަން ވާނެ ކަމަށާއި އިއްތިފާގު ނުލިބޭ ހާލަތެއްގައި މައްސަލަ ނިންމާނީ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ކޮމިޝަނުގެ ގަވާއިދުގައިވާ ގޮތުން އެ ކޮމިޝަނަށް މުވައްޒަފުން އައްޔަންކުރާނީ ރައީސް އޮފީހުންނެވެ.