އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމު ފުނޑާލާނެ ކަމަށާއި އެމްޑީޕީ އިދިކޮޅުގައި އޮތިއްޔާ ގައުމު ހަލަބޮލިކޮށްލާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީ މިރޭ ކޮންގްރެސް ހައުސްގައި ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ދެ ސިފައެއް އޮންނަ ކަމަށެވެ.
ވެރިކަން އެމްޑީޕީއަށް ލިބިއްޖިއްޔާ ގައުމު ފުނޑާލާނެ. ވެރިކަމުން ފައިބައިފިއްޔާ ދެ ކަމެއް ކުރާނެ. އެއްކަމަކީ މަގުމައްޗަށް ނިކުމެ ޖަހާނެ ސަކަރާތްތަކެއް. އަނެއްކަމަކީ ވަރަށް ބާރަށް ފުރައިގެން ދާނެ ރާއްޖޭން ބޭރަށް. ގޮސް ހަމަ އެކި ތަންތާ ވާހަކަ ދައްކާ އެކި ގޮތްގޮތަށް ސޯޝަލް މީޑިއާއަށް ލާނެ ފޮޓޯތައް ’މިހާރު މިވެނި ބަޔަކުވެސް އެބަ އުޅެ އޭ ރާއްޖެއަށް ފިޔަވަޅެއް އަޅަން‘.
އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށާއި ރާއްޖޭގެ ސިނާއަތްތައް ފުނޑާލަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް އިންވެސްޓަރުން ނައުމަށް، ރާއްޖޭގައި އިންވެސްޓް ނުކުރުމަށް އެމްޑީޕީން ގޮވާލާ ކަމަށާއި އިންވެސްޓްކޮށްފާނެ ކަންކަމުން އެކިއެކި މީހުން ދުރަށް ޖެއްސުމަށް އެމްޑީޕީން މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދުގެ ކުރިން މި ޖަލްސާގައި ވާހަކަ ދެއްކެވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ވަނީ އެމްޑީޕީން މަސައްކަތް ކުރަނީ ގައުމު ހަލަބޮލިކޮށްލުމަށްކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރުވެސް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޔޫކޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމުގެ ޓޫރިޒަމް ހަލާކުކޮށްލުމަށްކަމަށް ބޮޗޭ ވިދާޅުވި އެވެ. މީގެ އިތުރުން ޖެންޒީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް އެމްޑީޕީން ވަދެގަނެ އެ މުޒާހަރާވެސް ހަލާކުކޮށްލާފައިވާކަމަށް ބޮޗޭ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމްޑީޕީ ޕީއެންސީ ހައުސް