ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި ކުރެވުނު މަސައްކަތާމެދު އުފާކުރައްވާ ކަމަށް މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒް ވަކިކުރައްވާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ނެގި ވޯޓުގަ އެވެ.
އެކަމާ ގުޅިގެން މަހާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށެވެ.
”ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް.“ މަހާޒް ވިދާޅުވި އެވެ.
މަހާޒް ވަނީ، ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ޝުއޫރު ފާޅުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މަހާޒު އަލީ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެވުނީ 04 ނޮވެންބަރު 2019 ގައެވެ. މިއަދު އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. މަހާޒް ވަކިކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.