ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުއާ ރިޔާސީ ކޮމިޝަނުން ސުވާލު ކޮށްފި އެވެ.
ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.
ރިޔާސީ ކޮމިޝަނުން ބުނެފައިވަނީ، އެ ކޮމިޝަނުން މިއަދު ރައުދު އަޙްމަދު ޛިލާލާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު ދެން އޭނާގެ ބަންދަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އަދި އޭގެފަހުން އޭނާގެ ބަންދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަހުޤީޤެއްކޮށް، އެ ހާދިސާގެ ހަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުޤީޤުކޮށް، ލަފާ ދިނުމަށްޓަކައި އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގައި ހިމެނެނީ 5 މެންބަރުންނެވެ. އެއީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރައުދުގެ ޕާސްޕޯޓާއި ފޯނު ހިފަހައްޓާފަ އެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރިޔާސީ ކޮމިޝަން އަންހެނަކު ވެއްޓުން ޑރ. މުހައްމަދު މުނައްވަރު
