އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާވުމަށް ހުށަހަޅުއްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވުމަށް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހުށަހަޅުއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަހަރު ކުރީކޮޅުވެސް ދެއްވާފައިވެ އެވެ. ވަކީލުކަމާ އަލަށް ގުޅުނު ވަކީލް ހުވާކުރުމަށް ފެބްރުއަރީ މަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމަނިކުފާނަކީ މިހާރު ދުވަސްވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ޖަލްސާއަކުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މުއުތަސިމް އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ޑިސެމްބަރު 8 ވަނަ ދުވަހު އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ޤާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ތަސްދީޤުކުރެއްވި ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް އިންނެވި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)


