ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި އެ އެއާޕޯޓު ހިންގަމުން އަންނަ ވިލާ އެއާ ކުންފުންޏާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސައުދުﷲ ވަނީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށާއި އެ މަސައްކަތް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ސަރުކާރުން ނުވަތަ ރައްޔިތުން އެދިއްޖެކަމަށްވަންޏާ ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލު ކުރައްވާނެކަމަށް އެ އެއާޕޯޓް ހިންގާ ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެފައިވާކަމަށާއި ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ވިލާ އެއާއާ ގުޅިގެންތޯ ނުވަތަ ސަރުކާރުން ވަކިންތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.
މެންބަރު ސައުދުﷲގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުމާއި ތަސައްވުރާއި މިހާރުގެ ޕްލޭންތައް ރައީސް މުއިއްޒު ހާމަކުރައްވާފައިވާ ކަމަށެވެ.
އަޅުގަނޑުމެން އެބަ ގެންދަމު އެ އެއާޕޯޓު މިހާރު ހަވާލުވެފައިވާ ފަރާތާ އެކީގަ ޑައިލޮގްތަކެއް އެ އެއާޕޯޓު ތަރައްގީ ކުރުމާ ގުޅޭ ގޮތުން.
މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމުކަމެއް ދެއްވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރާ ހަވާލު ކުރައްވާނެކަމަށް ވިލާ އެއާގެ ޗެއާމަން ގާސިމް ކެމްޕޭން ތެރޭގައި ވިދާޅުވެފައިވާކަމަށް މެންބަރު ސައުދުﷲ ވިދާޅުވެފައިވުމުން މިނިސްޓަރު އަމީން ވަނީ އެފަދަ ހުށަހެޅުމެއް ރަސްމީ ސިފައެއްގައި މިނިސްޓްރީއަށް ލިބިފައި ނުވާކަމަށާއި ކެމްޕޭން ތެރޭގައި ދައްކާފައިވާ ވާހަކައަކަށް އެއްޗެއް ދެންނެވުމަށް ވަރަށް އުނދަގޫވާނެކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ރައީސް މުއިއްޒުގެ ވިސްނުންފުޅާ އެކު ތަރައްގީ ކުރުމުގެ ޕްލޭންއާއެކު މިނިސްޓްރީން ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކާޑެއްދޫ އެއާޕޯޓު މިނިސްޓަރު މުހައްމަދު އަމީން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގދ. ކާޑެއްދޫ ގާސިމް އިބްރާހިމް