2025 ވަނަ އަހަރުގެ ވޭތުވެދިޔަ މަސްތަކާ އަޅާބަލާއިރު އޭޕްރީލް މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުން 134 މީހުން، ރ. އަތޮޅުން 57 މީހުން އަދި އއ. އަތޮޅުން 40 މީހުން ވަނީ ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހު 75 މީހުން، ފެބްރުއަރީ މަހު 80 މީހުން، މާރިޗު މަހު 73 މީހުން އަދި އޭޕްރީލް މަހު 124 މީހުން ވަނީ ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައެވެ.
ޑެންގޫ ހުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
މަދިރި ހެފުމުން ރައްކާތެރިވުމަށް DEET، Picaridin، IR3535، OLE، PMD އަދި 2-undecanone ހިމެނޭ މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. މީގެއިތުރުން، ހަށިގަނޑު ނިވާވާގޮތަށް ހެދުން ލުމާއި، ކުޑަދޮރުތަކުގައި މަދިރިދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަކީވެސް މުހިންމު ކަންކަމެވެ.
މަދިރި އާލާވިޔަ ނުދިނުމަށްޓަކައި ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ތަންތަން މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުމާއި، ގަސްމުށި އަދި ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެއެވެ.
އީޑިސް މަދިރި ބިސް އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހުރެއެވެ. އަދި މި ބިސްތައް 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހަލާކުނުވެ ހުންނާތީ، މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
