ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި، އެކަންކުރަނީ ހަނގުރާމައެއްކުރަން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަސްކަރީ ގޮތުން ރާއްޖެ ވަރުގަދަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ފާއިތުވި 20-25 އަހަރުގެ ތެރޭގައި ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތެއް ކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މުހިއްމު ކަމަކާ އެކީގައި ކުރަންޖެހޭ މުހިއްމު ކަމެއް ދިފާއީ ބާރު ވަރުގަދަ ކުރުމަކީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. ސަރުކާރެއް ވިއްޔާ ޒިންމާއަކަށް ވާނެ އެ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަ ކުރުން.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން އަސްކަރިއްޔާ ވަރުގަދަކުރަނީ ހަނގުރާމައެއް ކުރަން ނޫން ކަމަށާއި، އެމަނިކުފާނު ބޭނުންވަނީ މި ސަރަހައްދަކީ ސުލްހަވެރިކޮށް އޮންނަ ސަރަހައްދަކަށް ހެދުން ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ބާރުގަދަ އަސްކަރިއްޔާއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދާދި ފަހުން ސިފައިންނަށް ހޯދައިދެވުނު ޓޭންކަރުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެކަމަކީ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ރޭވިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.
މީގެ އިތުރުން، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު އަދި ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. މިހާރު މާލެ ސަރަހައްދުގައި 25 ފަންގިފިލާގެ އިމާރާތްތައް ގިނަ ކަމަށާއި އެ އިމާރާތްތަކުގައި ކަމެއް ހިނގައިފިނަމަ އެކަމަށް އެޓެންޑްވުމަށް މިހާރަށް ވުރެ ފަޔަ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ކޯސްޓް ގާޑް އެމްއެންޑީއެފް


