ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އެތަށް ބަޔަކަށް އެތަށް އިނގިއްޔެއް ދިއްކުރަމުންދާއިރު ބައެއް މީހުން އަންނަނީ ހަގީގަތް އޮޅުވާލުމަށް މި ވާހަކަތަކުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާ އާއިލީ ގުޅުމެއް އޮތުމުން އޭނާ ސަލާމަތް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަސައްކަތް ކުރައްވާ ވާހަކަ އެވެ.
އަޅުގަނޑުމެން ”ޖަވިޔަނި“ ޓީމުން ވަނީ މި ވާހަކަތަކުގެ ހަގީގަތްތައް ހޯދުމަށް މަސައްކަތްކޮށްފަ އެވެ.
އެގޮތުން އެއްކުރި މައުލޫމާތުން އެނގުނީ، ރައުދާއި މިނިސްޓަރު އަމީންއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް ހުރި ފަރާތެއް ނޫން ކަމެވެ. ނަމަވެސް ސިޔާސީ ގޮތުންނާއި ނުފޫޒު ގަދަ ފަރާތްތަކުގެ ތެރެއިން ރައުދުއާ ގުޅުން ހުރި މީހުން އެބަ ތިއްބެވެ.
ރައުދު އަހުމަދު ޒިލާލާ އާއިލީ ގޮތުން ގުޅެނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްއާ އެވެ. ރައުދު އަކީ ޝަމާލްއަށް ބޮޑު ބޭބެ ކިޔާ ފަރާތެކެވެ. ރައުދުގެ ބައްޕަ އަހުމަދު ޒިލާލައި އަބްދުﷲ ޝަމާލް އަކީ ދެބެންނެވެ. ޝަމާލްއަށް ޗީފް އޮފް ޑިފެންސް ފޯސް މަގާމު ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
މީގެ އިތުރުން އަޅުގަނޑުމެން ހޯދި ހޯދުންތަކުން ރައުދު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އާއިލީ ގުޅުމެއް އޮންނަ މީހެއްކަން ވަނީ ހާމަވެފަ އެވެ.
މިނިސްޓަރު އަމީނަށް ތުހުމަތުކޮށް އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަ ދައްކާފައިވާއިރު، މިނިސްޓަރު އަމީންގެ ފަރާތްޕުޅުންވަނީ ތުހުމަތުތަކަށް ރައްދުދެއްވައި ހަގީގަތް ހާމަކޮށްދެއްވާފަ އެވެ. މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގެ ޓެރަހުގައި ޒުވާނުންތަކެއް ބޭއްވި އެއްވުމެއްގައި ބައިވެރިވީ މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ އިޒްދިޔާން މުހައްމަދު މައުމޫން އެވެ. މި ހާދިސާ ހިނގިއިރު އިޒްދިޔާން ހުރީ ރައީސް އޮފީހުގެ މަގާމެއްގަ އެވެ. ނަމަވެސް އޭނާ ވަނީ އެ ހާދިސާއަށް ފަހު އެ މަގާމުން ވަކިކޮށްފަ އެވެ. އެހެންކަމުން އާއިލީ ބޭފުޅެއްގެ މަގާމުގެ ދިފާއުގައި މިނިސްޓަރު އަމީން ނުފޫޒް ނުފޯރުވާކަން މީގެންވެސް ކަށަވަރުވެ އެވެ.