ފަލަސްތީން ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތު ކުރާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭޖީ އުޝާމް މިހެން ވިދާޅުވީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިން ބަޔާނުގަ އެވެ.
މި މައްސަލައަކީ، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމާއި، އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އދ ގެ ޢާންމު މަޖިލީހުން 19 ޑިސެންބަރު 2023 ގައި ފާސްކުރި ޤަރާރެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބު އުޝާމް އިތުރަށް ވިދާޅުވީ، އަންރުވާ ރޫޅާލުމަށް އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާމެދު ދިވެހިރާއްޖެ ކަންބޮޑުވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
ދިވެހިރާއްޖެ ތަމްސީލުކުރި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށް ޤައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދެއްކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
ދިވެހިރާއްޖެއިން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމެވެ. މިއަދުގެ އަޑުއެހުމުގައިވެސް ދިވެހިރާއްޖެއިންޖެއިން މި ސްޓޭންޑް ތަކުރާރުކޮށްފައިވެ އެވެ.
ބަންޑާރަ ނައިބް އަހުމަދު އުޝާމް އދ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)