ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ ”ހިޔަވެހި“ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު ހައުސިންގ މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.
މިގޮތުން މުއްދަތު އިތުރުކޮށްފައިވަނީ މި ފެށޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި މުއްދަތު އިތުރުކުރަން ޖެހުނީ، މި ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާކަމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ އެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރެވޭނީ 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެ އެވެ. މި ސްކީމްގެ ދަށުން މުޅިން އަލަށް ގެއެއް އިމާރާތްކުރުމަށާއި، އިމާރާތްކުރަން ފަށާފައިވާ ގެއެއް ނިންމުމަށް ވެސް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ސްކީމަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދޫކުރާ ލޯނެކެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މި ސްކީމަކީ ރައްޔިތުންނަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެވެ.
ހިޔާވެހި ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު އެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް ދެވޭނެ އެވެ. އެޑްވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 15 އިންސައްތަ އެވެ. އިތުރު ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު އެވެ.
ހިޔާވެހި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ


