ސަރުކާރު މެދުވެރިވެގެން ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ، ހިޔާވެހި ލޯނު ސްކީމަށް ޝަރުތު ހަމަވުމުގައި ހުރި ހުރަސްތައް ނައްތާލައި، ދެވަނަ ބުރަށް އެ ލޯނު ސްކީމަށް ހުޅުވާލާއިރު، އިތުރު ލުއިތައް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ހިޔާވެހި ލޯނު އެދި ހުށަހަޅާ ގިނަ ރައްޔިތުންގެ ޝަރުތު ހަމަނުވެ، ލޯނު ނުލިބޭ ކަމުގެ ކަންބޮޑުވުން ރައްޔިތެއް ފާހަކުރެއްވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިން މައްސަލައިގައި ސްޕެސިފިކް ކަމެއް އޮތްނަމަ އެކަމަކަށް އެޑްރެސް ކުރާނެ ކަމަށާއި، މީގެ މައިގަނޑު ބޭނުމަކީ މާލެ ސީޓި އެއްކޮށް ހައުސިން މައްސަލަ ހައްލު ކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ސަރުކާރުން ދޫކުރި ލޯނުތަކުގެ ތެރޭގައި އެފަރާތަކަށް އެވޯޑް ކުރުމުގައި އުނދަގޫ ގޮތްތަކެއް ޝަރުތުތަކުގެ ތެރޭގައި އެބަހުރި ކަމަށެވެ.
”ސަރުކާރުން އޮންނާނީ ބީއެމްއެލްގައި ދަންނަވާފަ ދެވަނަ ބުރަށް ހުޅުވާލާއިރުގަ ހިޔާވަހި ލޯން ސްކީމްއަށް ލުއިތަކެއްދޭ ގޮތަށް. އަޅުގަނޑުމެން ނިންމާފަ އޮތް ގޮތް އެއީ ހަމަ. ވަރަށް ބޮޑަށް ހަމަ އެފޯޑަބިލިޓީ އިތުރު ކުރެވިގެންދާ ގޮތަށް އެ ލޯން ސްކީމްވެސް ބަދަލުވާނެ. ކުރިޔަށް އޮތް އަހަރު ހުޅުވާލާއިރުގަ،“ ރައީސް ވިދާޅުވި އެވެ.
ހިޔާވެހި ސްކީމުން ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ އާންމު އުސޫލުން ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަކަށްވާތީ، އޭގެ ސަބަބުން ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ރޭގައިވެސް ގިނަ ރައްޔިތުން ކުރި އެވެ. ރައްޔިތުން ފާހަގަކުރި ގޮތުގައި އުސޫލުގައިވާ ގޮތުން އާމްދަނީގެ 40 ޕަސަންޓަށްވުރެން ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުނަމަ ލޯނަށް ޝަރުތު ހަމަނުވާ ކަމަށާއި، ހަ މިލިއަން ރުފިޔާގެ ލޯނެއް ފަސް ޕަސަންޓް އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ގޮތަށް ނަގާނަމަ މަހަކު 35،000ރ. ލޯނަށް އަނބުރާ ދައްކަން ޖެހޭ ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިނޭސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ.
ރައީސް ވިދާޅުވީ، ލޯނު ސްކީމްތަކުގެ ތެރެއިންނާއި، ފްލެޓް އަޅައިގެންނާއި، ގޯތި ދީގެން ބޯހިޔާވެހިކަމުގެ މައްސަލަ ވައުދާއި އެއްގޮތަށް ހައްލުވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
”އަޅުގަނޑަށް ޔަގީންކަން އެބައޮތް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހިންގާ ހުރިހާ މަޝްރޫއެއްގެ ތެރެއިން އެއީ ބިން ކްރިއޭޓް ކޮށްގެންނާއި، ފްލެޓް އަޅައިގެންނާއި، އަދި ފްލެޓް އަޅަން ދޫކުރާ ލޯން ތަކުގެ ތެރެއިންނާއި،“ ރައީސް ވިދާޅުވި އެވެ.
ހިޔާވެހި ފައިނޭންސިންގ ސްކީމްގެ ދަށުން ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ލޯނު ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ހިޔާވެހި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް



