ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ތަހުގީގާ ގުޅޭ މައުލުމާތު ރައްޔިތުންނަށް ދިނުމަށް ޕޯޓަލްއެއް ގާއިމު ކުރުމަށް އެ ކޮމިޝަނުން މަޝްވަރާކޮށްފައިވާކަމަށް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ މިއަދު އެ ކޮމިޝަނުން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ މި މައްސަލައިގައި ދެފުށް ފެންނަ އަދި ރައްޔިތުންގެ އިތުބާރު އޮތް ތަހުގީގެއް ކުރިއަށް ގެންދިއުމަށް މި ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ޕޯޓަލްއެއް ގާއިމު ކުރުމަށް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނޫސްވެރިންގެ ބައްދަލުވުމުގެ އިރުކޮޅެއް ކުރިން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން އަޅުގަނޑުމެން ހަމަ ދެންމެއަކު ކޮމިޝަނުގެ މެންބަރުންގެ މެދުގައި ވާހަކަ މި ދެކެވުނީ ރައްޔިތުންނަށް މައުލޫމާތު ދެވޭނޭ ޕޯޓަލްއެއް ހުޅުވުމަށް. އަޅުގަނޑުމެން ކޮންމެވެސް އެރޭންޖްމެންޓެއްގެ ތެރެއިން ޕޯޓަލްއެއް ތައްޔާރު ކުރެވުނީމަ އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެވޭނެ. ސުވާލުވެސް ކުރެވޭނެ.
މުނައްވަރު ވިދާޅުވީ ކުރެވޭ ސުވާލުތަކުގެ ތެރެއިން އާންމު ސުވާލުތަކަށް ޖަވާބު ދެވޭނެ ކަމަށާއި ކޮމިޝަނުން ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދެވޭނެ ކަމަށެވެ. އަދި މި ޒަމާނުގެ ޓެކްނޮލޮޖީގައި މިކަން މިގޮތަށް ކުރެވޭނެކަމަށް މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި ތަހުގީގަކީ ޖިނާއީ މައްސަލައެއްގެ ތަހުގީގަކަށްވުމުން ބައެއް މައުލޫމާތުތަކަކީ ތަހުގީގު ނިމުމުން ހާމަ ކުރެވޭނެ މައުލޫމާތުތަކެއްކަމަށް މުނައްވަރު ވިދާޅުވި އެވެ. އެ ނޫން މައުލޫމާތުތައް ތަހުގީގު ހިނގަމުންދާ ވަރަކަށް ހާމަ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެއްދީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަނަށް އައްޔަން ކުރީ ތިން މެންބަރުންނެވެ. އެއީ ޑރ. މުނައްވަރާއި އަހުމަދު މުހައްމަދާއި ޑރ. މުހައްމަދު ހަބީބެވެ. އެކަމަކު، ހަބީބު ވަނީ އެ ކޮމިޝަނުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ހަބީބު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އަލުން ތިން މެންބަރުން އައްޔަން ކުރީ އިއްޔެ އެވެ.
މި ކޮމިޝަނުގައި ޑރ. މުނައްވަރުގެ އިތުރުން ދެން ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މި ހިނގާ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ.