ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅިކަމަށް އެމްޑީޕީން ބުނެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ 12 މެންބަރުންގެ ސޮޔާއެކުކަމަށް ނާޒިލް ވިދާޅުވި އެވެ.
މި މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރު އަމީނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އަމީންގެ އާއިލާގެ ބަޔަކު ހިމެނޭ ކަމަށާއި އަމީން ދިރިއުޅުއްވާ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވާކަމަށް މި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވާކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ ޔުމްނު ވެއްޓުނު ރޭ މިނިސްޓަރު އަމީން މާލޭގައި ހުންނެވިކަމަށް ވާހަކަ ދެކެވިފަ އެވެ. ނަމަވެސް މިނިސްޓަރު އަމީން އެރޭ ރާއްޖޭގައި ނޫޅުއްވާކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި މިނިސްޓަރު އަމީން މީގެ ކުރިން ވަނީ މި ހާދިސާ ހިނގައިގެން އުޅޭކަން މިނިސްޓަރަށް އެގުނީ ހުކުރު ދުވަހުގެ ހަވީރުކަމަށް ވިދާޅުވެފަ އެވެ.
އަންހެނަކު ވެއްޓުން އެމްޑީޕީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް މިނިސްޓަރު މުހައްމަދު އަމީން