މާލޭގެ ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާތީ، އެ ސަރަހައްދުގެ މޫދަށް ނޭރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ފުލުހުން ބުނެފައިވަނީ ރަސްފަންނު ގޮނޑުދޮށުން އިންޖީނު ތެޔޮ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކަމާގުޅޭ އެހެނިހެން އިދާރާތަކާއެކު ތަހުގީގު ކުރިއަށްދާ ކަމަށާއި، އަސަރުކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
”ރަސްފަންނުގައި ފެތުމާއި ނުވަތަ މޫދުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކުރަން،“ ފުލުހުންގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ވަގުތާ ހަމައަށް ރަސްފަންނު ސަރަހައްދަށް ތެޔޮ އެޅުނު ގޮތެއް އަދި ސާފުވެފައި ނުވިނަމަވެސް، ބޮޑަށް ގަބޫލުކުރެވެނީ ކަނޑަށް އެޅުނު ކަޅުތެޔޮ އޮޔާ އައިސް ގޮނޑުދޮށަށް ޖަމާވެފައިވާ ކަމަށެވެ.