ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގައި އެމަނިކުފާނުގެ ދިފާއީ ދެ ހެކިން، ހެކިބަސް ދިނުމަށް އުއުތިރާޒްކޮށް، ރާއްޖޭގައި ނެތްކަން ކޯޓަށް އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.
”ޖަވިޔަނި“ އަށް އިތުބާރުހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ އަހުމަދު ނަރީޝް އާއި ޝުއާއުالله ސައީދު މައްސަލައާއި ބެހޭ އެއްވެސް ކަމެއްގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ބުނެ، އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ޙާޟިރުވުމަށް އިޢުތިރާޟް ކުރާ ކަމަށް ކޯޓަށް ވަނީ އަންގާފަ އެވެ. އަދި އެ ދެ މީހުންވެސް ރާއްޖޭގައި މިވަގުތު ނެތްކަންވެސް ކޯޓަށް އަންގާފައިވެ އެވެ.
ނަރީޝްއާ ޝުއާއުﷲގެ އިތުރުން ޔާމީންގެ ދިފާއީ ހެކެއްގެ ގޮތުގައި ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަންވެސް ހުށަހަޅާފައިވެ އެވެ. ރައީސް ޔާމީންގެ ފަރާތުން ސިޔާމް ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނާ ދެމެދު ހިންގާފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތުކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ޑޮލަރު ގަތުމަށްފަހު ދޭންޖެހޭ ފައިސާ ޔާމީންގެ ފަރާތުން ސިޔާމަށް ހަވާލުކުރެއްވި އިރު، ނަރީޝާއި އިތުރު ފަރާތެއް ހެކިންގެ ގޮތުގައި ތިބިކަން ސާބިތުކޮށްދިނުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މި މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލާފައިވެއެވެ. މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބޭއްވިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.
ދައުލަތުގެ އެންމެ ފަހު ހެކިވެރިޔާއަކީ ސަން ކޮންސްޓްރަކްޝަންގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ އެވެ. އޭނާގެ ހެކިބަސް ނެގުމަށް މިދިޔަ އަހަރު ތާވަލުކުރެވުނު އަޑުއެހުން ކެންސަލްކުރަން ޖެހުނީ އޭނާ ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުންނެވެ. މީގެ ކުރިން އެ ހެކިވެރިޔާގެ ހެކިބަސް އޮންލައިންކޮށް ނެގުމަށް މަސައްކަތްކުރެވުނު ނަމަވެސް، އަޑު ސާފުނުވުމުގެ ސަބަބުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެގޮތަށް ހެކިބަސް ނެގުން ރައްކާތެރި ނޫންކަމަށް ނިންމަވާފަ އެވެ. އަދި 2024 ވަނަ އަހަރުގެ އޮގަސްޓް މަހަށް ތާވަލުކުރެވުނު އަޑުއެހުންވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
ވ. އާރަށުގެ މައްސަލާގައި ވެސް ލީސިންގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. ހައިކޯޓުން ވަނީ އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.