ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވެންސް ދިނުމަށް އެކަމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އެލަވެސް ނުދެވި ލަސްވަނީ އެ ހުއްދަ ނުލިބޭތީ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ސިވިލް މުވައްޒަފުންގެ ފަރާތުން، ހައުސިން އެލަވެންސް އަދި ލިވިން އެލަވެންސް ނުލިބޭތީ ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ކަރެކްޝަންސްގެ މުސާރައިގެ އޮނިގަނޑެއް އެކުލަވާލީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި ހައުސިން އެލަވެންސް އާއި ލިވިން އެލަވަންސްއަކީ އެއް މާނައެއްގައި ބޭނުންކުރާ އެއްޗެއް ކަމަށް ވިދާޅުވި އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ލިވިން އެލަވަންސް ނުލިބޭތީ އެކަމުގެ ޝަކުވާ އަބަދުވެސް ސިވިލް މުވައްޒަފުންގެ ފަރާތުން ލިބޭ ކަމަށެވެ. އަދި ސިވިލް މުވައްޒަފުންނަށް ލިވިން އެލަވެންސް ލިބޭނޭގޮތެއް ހޯދުމަށް 2017 އިން ފެށިގެން މިދިޔަ އަހަރާހަމައަށް ވެސް ކަރެކްޝަންސްގެ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ޑެޕިއުޓީ ސްޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު ސޮބާހް ވިދާޅުވީ، ކަރެކްޝަންސްގެ ބަޖެޓްގެ ތެރެއިން މި އެލަވެންސް ދެވިދާނެކަން ހާމަކޮށް މިދިޔަ އަހަރުވެސް އަދި ކުރީ އަހަރުވެސް އަދި މިއަހަރުވެސް ފިނޭންސްއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެއްވެސް މުވައްޒަފަކަށް އިތުރު އެލަވެންސެެއް ދެވޭނީ ފިނޭންސްގެ ހުއްދަ ހޯދައިގެނކަން ފާހަގަކޮށް ސޮބާހް ވިދާޅުވީ، ކަރެކްޝަންސްގެ ބަޖެޓުން ކޮންމެ އަހަރަކު ބާކީ ކުރެވޭ ފައިސާއިންވެސް މި އެލަވަންސް ދެވިދާނެ ކަމަށް ފިނޭންސްއަށް ދަންނަވާފައިވާނެ ކަމަށެވެ.
”ހަނދާންވާގޮތުން މިހާރުތިބި ސިވިލް މުވައްޒަފުންނަށް އެ އެލަވެންސް ދިނުމަށް އަހަރެއްގެ މައްޗަށް ހިނގާނީ 2 މިލިއަން ރުފިޔާ. ބަޖެޓްގެ ތެރެއިން އެކަން ހަމަޖެއްސޭނެ ކަމަށް ވާނީ ދަންނަވާފައި. މަޑުކޮށްގެން މިތިބީ ފިނޭންސްގެ ޕޭ ކޮމިޝަންގެ ޖަވާބަކަށް. އެންމެ ފަހުންވެސް ދެއްވި ޖަވާބަކީ، ޕޭ ހާމަނައިޒް ކުރާއިރު އެކަން ހަމަޖެހިގެންދާނެ އޭ.“ ސޮބާހް ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ސިވިލް މުވައްޒަފުންނަށް ލިވިން އެލަވެންސް ދިނުމަށް ކަރެކްޝަސްގެ ފަރާތުން ބޭނުންވާ ކަމަށާއި ނަމަވެސް މިކަމަށް ހުރަސް ކުރިމަތިވަނީ ފިނޭންސްއިން ލިބެންޖެހޭ ހުއްދަ ނުލިބޭތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް