ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި 7 މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި 7 މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުވާ އުފުލި މީހުން، ސަލާމަތްކޮށްދީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ޝަމީމް އައް ހަމަލާދިން މަންޒަރު ސީސީޓީވީ ފުޓޭޖައްވެސް އަރާފައި ހުއްޓެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި،
  • ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި،
  • އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި،
  • ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި،
  • ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ކޯޓުން ހުކުމްކޮށްފައި ވަނީ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. ކުށް ސާބިތު ނުވާކަަމަށް ކަނޑައެޅި ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެވެ.

ހަމަލާއަށްފަހު ޝަމީމް، ހޮސްޕިޓަލުގައި ފަރުވާ ހޯދަވަނީ

ހުކުމްގައި ބުނީ، އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. ހުކުމުގައި ބުނެފައި ވަނީ، ވީޑިއޯގެ ޓައިމްލައިން ދިމާކުރުމުގައި ފާޅުކަން ބޮޑު ފަރަގެއް ހުރިކަން އެނގިފައިވާއިރު އެކަމަށް ސަމާލުކަން ނުދީ އެކަން ހިނގި ސަބަބު ޝަރީއަތަށް ސާފުކޮށްދީފައިނުވާ ކަމަށެވެ. އަދި ހެއްކަށް ބާރުލިބޭ އިތުރު ހެކި ނެތި ހަމައެކަނި އެ ހެކީގެ މައްޗަށް ބިނާކޮށް މި ފަރަގު އޮވެ ދައުވާ ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

ދައުލަތުން 7 މީހުންގެ މައްޗަށް އުފުލި ދައުވާތައް

ދައުވާ އުފުލި މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ. ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.

ޕީޖީ ޝަމީމްއައް ހަމަލަދިން 7 މިހުން

ދައުލަތުގެ ދައުވާގައި ބުނާ ގޮތުން، މިދުހަތަކީ އިތުރު ބަޔަކާއެކު ހަމަލާދިނުމަށް ރާވައި، ނޫރު މިސްކިތް ކައިރީގައި ޝަމީމް ހުއްޓައި އެ ސަރަހައްދަށް ގޮސް ސީދާ ހަމަލާދިން ފަރާތެވެ. އަދި ޖަޒްލާނަކީ ޝަމީމަށް ހަމަލާދޭން ރާވައި، ހަމަލާދިނުމަށްޓަކައި މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިޔަ މީހާކަމަށް ދައުލަތުން ބުނެއެވެ.

މީގެއިތުރުން، މައިސާނަކީ ނޫރު މިސްކިތް ކައިރީގައި ޝަމީމް ހުއްޓައި އޭނާއަށް ހަމަލާދިނުމަށް މިދުހަތު އެ ސަރަހައްދަށް ދިޔުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ، މި ކުށުގެ ޢަމަލަށް މަގުފަހިކޮށްދިން ފަރާތްކަމަށް ދައުލަތުގެ ދައުވާގައި ބުނެއެވެ.

ދައުލަތުގެ ދައުވާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ބައިވެރިވި އިތުރު ބަޔަކު ނޫރު މިސްކިތް ކައިރީގައި ކާރެއްގައި މަޑުކޮށްގެން ތިބިކަމަށް ބުނެއެވެ. މި ފަރާތްތަކުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބީ ޝަމީމަށް ހަމަލާދީ ނިމެންދެންކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ