”އުންމަތް ފަލަސްތީނާއެކު“ ހިނގާލުން؛ ފަލަސްތީނުގެ ހައްގުގައި ގިނަ ބަޔަކު ނިކުމެ މަޖީދީ މަގު ފުރާލައިފި

Advertisement

އެންމެ ފަސް

Advertisement

”އުންމަތް ފަލަސްތީނާއެކު“ ނަމުގައި މިރޭ މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ފަލަސްތީނަށް އޮތް ލޯބި ދިވެހިންނާއި މާލޭގައި އުޅޭ ބިދޭސީން ދައްކާލައިފި އެވެ.

ސޯޝަލް ސެންޓަރު ސަރަހައްދު މިރޭ 20:00 ގައި ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ބައިވެރިވި އެވެ. އަދި މި ހިނގާލުމުގައި ބައިވެރިވި އަންހެނުންގެ އަދަދުވެސް ވަރަށް ގިނަ އެވެ.

މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރު ކުރިމަތިން ފެށިގެން މަޖީދީ މަގު ހުރި ގޮތަށެވެ. ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.

ގިނަ އަދަދެއްގެ ކްލަބްތަކާއި ޖަމިއްޔާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގެ ބައިވެރިން ވަނީ ހިނގާލުމުގެ ތެރެއިން ޝުއޫރު ފާޅު ކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ފަލަސްތީނުގެ ބޯޑަރު ހުޅުވާލުމަށް ގޮވާލުމާއި ފަލަސްތީނު މިނިވަން ކުރަން ގޮވާލުމުގެ އިތުރުން ނަތަންޔާހޫ މަރާލުމަށްވެސް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

ހިނގާލުން ނިންމާލުމަށް ފަހު ބައިވެރިން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެފަ އެވެ. އެއަށް ފަހު އެތަނުގައި ފަލަސްތީނުގެ ހާލަތާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. ވީޑިއޯ ޕްރެޒެންޓޭޝަނަށް ފަހު ޝެއިހު ފަޟްލޫން މުޙައްމަދު ވަނީ އެ ސަރަހައްދުގައި ދަރުސްއެއް ދެއްވާފަ އެވެ. އަދި އެއަށް ފަހު މި ހަރަކާތް ނިންމާލާފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރި ދުއާ އަކުންނެވެ.

އާޓްފިޝަލް ބީޗަށް ހިނގާލުމުގެ ބައިވެރިން އެއްވުމުން އެ ސަރަހައްދުގައި ވަނީ ފަންޑު ފޮއްޓެއްވެސް ބަހައްޓާފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު އެ ފަންޑު ފޮއްޓަށް ރުފިޔާ އަޅާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.

ފަލަސްތީނާއެކު ދިވެހިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ