20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ބަސް ބުނުމުގެ ޖާގަ ދީފައިވާކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މެންބަރު ޒަރީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ 20 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ޖާގަ ނުލިބޭ ވާހަކަ ދައްކާ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތައް ބޭރުކޮށްލާ ވާހަކަ ދައްކާ ކަމަށް ޒަރީރު ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅުންވެސް ރަނގަޅު ބިލެއް، ރަނގަޅު އިސްލާހެއް، ރަނގަޅު ގަރާރެއް ނުވަތަ ރަނގަޅު ކުއްލި މައްސަލައެއް ހުށަހަޅައިފިނަމަ ބަލައިގަންނާނެކަމަށާއި އެކަން ފެނިގެން ގޮސްފިކަމަށް ޒަރީރު ވިދާޅުވި އެވެ.
އެކަން އަޅުގަނޑުމެން މި ދައްކައިދިނީ. 20 ވަނަ މަޖިލީހުގަ އިދިކޮޅު ފަރާތްތަކަށް ބަސް ބުނުމުގެ ޖާގަ ތަށްމިނަށް މިއޮތީ ހުޅުވާލާފަ.
އިމިގްރޭޝަންގެ ގާނޫނަށް އިދިކޮޅުން އިސްލާހު ހުށަހެޅުމުން އެ ހުށަހެޅުން ބަލައިގަނެ އެ މަސައްކަތް މަޖިލީހުންކޮށް އެ ބިލު ފާސްކޮށްފައިވާކަން ފާހަގަ ކުރައްވަމުން ޒަރީރު ވިދާޅުވީ އިދިކޮޅުން ރަނގަޅު ބިލެއް ހުށަހެޅުމުން އެ ހުށަހެޅުމަށް އިހުތިރާމުކޮށް ބަލައިގަނެފައިވާ ކަމަށެވެ.
އެހެންނޫނަންމަ ޔިތަ ބުނާޙެން އަޅުގަނޑުމެން ޖެއްސުން ކުރާނަމަ އެ ބޭރުކޮށްފަ އަޅުގަނޑުމެން ހަމަ އެއްޗެއް އިތުރަށް ލައިގެން އެކަން ކުރަން ވީނޫންތޯ. އެކަމު އެކަން އެގޮތަށް ނުކުރޭނޫންތޯ.
ޒަރީރު ވިދާޅުވީ 20 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހެއް ކަމަށާއި މިއީ މަސައްކަތްތެރި އަދި އިދިކޮޅަށް ޖާގަ ދޭ މަޖިލީހެއް ކަމަށެވެ.