ހަރަދު ކުޑަ ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކުރަން އެމެރިކާއިން މަސައްކަތް ކުރަމުންދާކަން ހާމަވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ނިންމައި ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދުން 50 ޕަސެންޓް ކުޑަކުރަން ބޭނުންވާ ކަމަށާއި، އެކަން ކުރުމަށް 30 މިޝަނެއް ބަންދުކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ވެސް ހިމަނާފައިވާކަމަށް ރޮއިޓާސް އިން ވަނީ ބުނެފަ އެވެ.
ރޮއިޓާސް އިން ބުނީ އެ އެޖެންސީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޮކްޓޫބަރު 1، 2026 ގައި ފަށާ މާލީ އަހަރު ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓުން 30 ބިލިއަން ޑޮލަރު ކުޑަކުރަން ބޭނުންވާ ކަމަށް ބުނެ ދަ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) އިން ޖަވާބު ދީފައިވާ ކަމަށެވެ.
އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާއިން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ދިޔައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި ފަހުން އެމެރިކަން ސެންޓަރު ހަދައި އެތަނުން ވެސް ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިތުރުން ދެން ބަންދުކުރުމަށް ވިސްނަމުންދާ ނުވަ އެމްބަސީއަކީ އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާގައި ހުންނަ އެމްބަސީ އެވެ.
ބަންދުކުރަން ލަފާދިން 17 ކޮންސިއުލޭޓްގެ ތެރެއިން ގިނަ ކޮންސިއުލޭޓްތައް ހުންނަނީ ޔޫރަޕްގަ އެވެ. ބަންދުކުރަން ހުށަހަޅާފައިވާ ހަތަރު މިޝަންއަކީ ދެކުނު ކޮރެއާގެ ބުސާން، ދެކުނު އެފްރިކާގެ ޑާބަން، އިންޑޮނީޝިއާގެ މެޑަން އަދި ކެމަރޫންގެ ޑޫއާލާގައި ހުންނަ އެމެރިކާގެ މިޝަން އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ މަދުވެގެން ވެސް 27 މިޝަނެއް ބަންދުކުރަން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އެފްރިކާ އާއި ޔޫރަޕްގެ މިޝަންތައް ކަމަށް، ސްޓޭޓް ޑިޕާޓްމަންޓުތަކުގެ އެހެން ލިޔުންތަކަކުން ވަނީ ހާމަވެފައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ. މީގެ ތެރެއިން 10 މިޝަން އަކީ އެމްބަސީތަކެވެ. ދެން ހުރީ ކޮންސިއުލޭޓްތަކެވެ.
ރޮއިޓާސް އިން ބުނީ މިކަމާ ބެހޭ ގޮތުން އޯއެމްބީގެ ބަހެއް ނުލިބުނު ކަމަށެވެ.