އެމެރިކާ، މެކްސިކޯ، އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލް ޑްރޯ ބާއްވައިފި އެވެ.
އަންނަ އަހަރު 48 ޓީމާއެކު ބާއްވާ ވޯލްޑް ކަޕަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ޓީމުތަކުން ބައިވެރިވާނެ މުބާރާތެވެ. މި މުބާރަތުގައި ޖުމުލަ 12 ގްރޫޕެއް ކަނޑައަޅާފައިވެ އެވެ.
މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ މެކްސިކޯ (ގްރޫޕް އޭ)، ކެނެޑާ (ގްރޫޕް ބީ)، އަދި އެމެރިކާ (ގްރޫޕް ޑީ) ވަނީ އެ ގްރޫޕްތަކުގެ އެންމެ މަތީ ސީޑްގެ ގޮތުގައި ސީދާ ޖާގަ ހޯދާފަ އެވެ. ބާކީ ޓީމުތައް ވަނީ ރޭންކިންއަށް ބިނާކޮށް ތިން ޕޮޓުން ނަގާފަ އެވެ. މި ޑްރޯ ކުރިއަށް ގެންދިޔައީ، އެންމެ މަތީ ރޭންކިންގައި ތިބި ޓީމުތައް ސެމީފައިނަލްއާ ހަމައަށް ދާންދެން އެއް ޓީމު އަނެއް ޓީމާ ނުޖެހި ވަކިން ބެހެއްޓުމަށްޓަކަ އެވެ.

ޑްރޯގެ ރަސްމިއްޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ ފީފާގެ ފުރަތަމަ ’ޕީސް ޕްރައިޒް‘ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ހަވާލުކުރުމެވެ. ޓްރަމްޕަށް މި ޝަރަފް އެރުވުމާއެކު ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއްވެސް ވަނީ ފަށާފަ އެވެ.
މުބާރާތުގެ ޖުމްލަ ޖާގަތަކުގެ ތެރެއިން ހަ ޖާގަ އަދިވެސް ކަށަވަރު ނުވެ އެވެ. އެ ޖާގަތައް ކަނޑައެޅޭނީ ކުރިއަށް އޮތް ޕްލޭއޮފް މެޗުތަކަށްފަހުގަ އެވެ. ނަމަވެސް ޑްރޯގައި އެ ޖާގަތަކަށް ވަނީ ޕްލޭސްހޯލްޑަރުން ހިމަނާފަ އެވެ. ފީފާއިން ލަފާކުރާ ގޮތުގައި މެޗުތަކުގެ ފުރިހަމަ ޝެޑިއުލް އާއި މެޗު ކުޅޭނެ ދަނޑާއި މެޗުތައް ފައްޓާނެ ގަޑިތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާންމުކުރާނެ އެވެ.
އެމެރިކާ، މެކްސިކޯ، އަދި ކެނެޑާގައި ބާއްވާ 2026 ވޯލްޑް ކަޕް ފަށާނީ އަންނަ ޖޫން މަހުގަ އެވެ. މިއީ 104 މެޗާއި 12 ގްރޫޕްގެ ފޯމެޓެއް ހިމެނޭ ފުރަތަމަ މުބާރާތެވެ.



