ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭ ފޮޅާ ސާފުކުރުމުގެ ’ހޮބާ‘ ޚިދުމަތް އިތުރު ހަތަރު މުވައްސަސާއަކަށް ދިނުމަށް އެއްބަސްވެއްޖެ އެވެ.
ހިދުމަތާއި އަލަށް ގުޅުނު މުވައްސަސާތަކާއެކު، އެއްބަސްވުންތަކުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
މި ހިދުމަތް އަލަށް ލިބިގަންނަ މުވައްސަސާތަކުގެ ތެރޭގައި ގައުމީ ކުތުބުހާނާ، ފެނަކަ ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިމެނެ އެވެ. މި ހަތަރު މުވައްސަސާ އިތުރުވުމާއެކު، މިހާރު ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ލިބިގަންނަ މުވައްސަސާތަކުގެ އަދަދު 16 އަށް އަރައިފި އެވެ.
ވެމްކޯއިން ކުރިން ދީފައިވާ މައުލޫމާތުގައި، ފޮޅާ ސާފުކުރުމުގެ ހިދުމަތުގެ ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ހިދުމަތް ވެމްކޯއިން ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ތައާރަފުކޮށްފަ އެވެ.
ވެމްކޯގެ ”ހޮބާ“ ހިދުމަތަކީ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ހިދުމަތެއް ކަމަށްވާއިރު، މި ހިދުމަތް އިތުރު މުވައްސަސާތަކަށް ފުޅާކުރެވެމުން ދިއުމަކީ ކުންފުނީގެ އާމްދަނީ އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ”ހޮބާ“ ހިދުމަތުގެ އިތުރުން، އިމާރަތްތައް ތަޅާދިނުމުގެ ހިދުމަތް ފެށުމަށްވެސް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ގާކުނޑި އަލުން ބާޒާރަށް ނެރުމަށް ހާއްސަ މެޝިނަރީސްތައް ބަހައްޓާ އެންމެ ފަހުގެ ތައްޔާރިިތައް އަންނަނީވަމުންނެވެ.