އިޒްރޭލްގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި އިޒްރޭލް މީހުންނަށް ރާއްޖެ އާދެވޭ ގޮތް ހަދަން މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅައިފި އެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި އިސްލާހު ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ. ނަމަވެސް އިމިގްރޭޝަނުން ހުށަހަޅާފައިވަނީ ރާއްޖެ އައުމަށް އެދި އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުން އެކަނި ނުވަދެވޭނެ ގޮތަށް ބިލު އިސްލާހުކުރުމަށެވެ. މީގެ ކުރިން ބަންޑާރަ ނައިބު އަހުމަދު އުޝާމްވެސް ވަނީ މިގޮތަށް ބަދަލު ކުރުމަށް މަޖިލީހަށް ލަފާ ދީފަ އެވެ.
އިމިގްރޭޝަނުން މި ބަދަލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ބިދޭސީން ރާއްޖެ އެތެރެވުމުގައި އެ މީހުންގެ ގައުމިއްޔަތު ދެނެގަތުމުގައި ބަލަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ކަމަށް ވެފައި، ރާއްޖެ އަންނަ އެއްވެސް މީހަކީ ދެ ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއްކަން ކަށަވަރު ކުރެވެން އިމިގްރޭޝަނަށް ނެތުމެވެ.
މި ބިލު އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބަންޑާރަ ނައިބުގެ އޮފީހާ ބައްދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.
241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް އިމިގްރޭޝަން އިޒްރޭލު ޕާސްޕޯޓް