ދުނިޔޭގެ ނަން މަޝްހޫރު ޓެކްނޮލޮޖީ ބްރޭންޑް އޭސަސް އިން އެ ކުންފުނީގެ އެންމެ ފަހުގެ ސިގްނޭޗަރ އެޑިޝަން ޒެންބުކް ލެޕްޓޮޕްގެ ނަން ދިވެހިރާއްޖޭގެ ރ. އަތޮޅު ވާދޫގެ ނަމުން ނަން ދީފި އެވެ.
މި ލެޕްޓޮޕަކީ ދުނިޔޭގެ އެންމެ ރީތި ގުދުރަތީ ތަންތަން ހިމަނައިގެން ތައްޔާރުކުރެވުނު ޚާއްޞަ ކަލެކްޝަނެއްގެ ބައެކެވެ.
އިޓަލީގެ މިލާނުގައި ބޭއްވުނު ”ޑިޒައިން ޔޫ ކޭން ފީލް“ އެގްޒިބިޝަންގައި ހާމަކުރެވުނު ވާދޫ އައިލެންޑް – ލުމިނަސް ބްލޫ ޒެންބުކް ފަރުމާކުރުމުގައި އިންސްޕިރޭޝަން ނަގާފައިވަނީ ވާދޫގެ ގޮނޑުދޮށުގައި ރެދަން ލާފައި ހުންނަ މަންޒަރުންނެވެ. ރ. ވާދޫއަކީ ދުނިޔޭގައިވެސް ވިދާ ބަބުޅާ ނޫކުލައިގެ ރީތި ތަރިތަކެއްހެން ޖަރީވެފައި އޮންނަ ރެދަންލުމުން މަޝްހޫރު ރަށެކެވެ.
އޭސަސްއިން މަޢުލޫމާތު ދެއްވާގޮތުގައި މި މޮޑެލްގައި ވާދޫގެ ގޮނޑުދަށުގައި ރެދަން ލާފައި ހުންނަ މަޑު އަލިކަން ދައްކުވައިދޭ ގޮތަށް، ލޭޒަރ-އިންޑިއުސްޑް އޮކްސިޑޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚާއްޞަ އުޖާލާކަމެއް އުފައްދާފައިވެ އެވެ. މި ޑިވައިސްގައި އެންމެ ޒަމާނީ އިންޓަރނަލްސްތަކާއި، 3ކޭ އޯލެޑް ޑިސްޕްލޭއެއް ހިމެނެ އެވެ.

މި އައު ޒެންބުކް އުފެއްދުމުގައި ބޭނުންކޮށްފައިވަނީ އޭސަސްއިން އަމިއްލައަށް ތަރައްޤީކުރި ސެރަލުމިނަމް ކިޔާ އައު މެޓީރިއަލްއެކެވެ. މިއީ ވަރުގަދަ، ލުއި އަދި ތިމާވެއްޓާ ރައްޓެހި މެޓީރިއަލްއެކެވެ. އަދި ގުދުރަތާ ރައްޓެހި ޕެކޭޖިންގ ހިމެނޭގޮތަށް، ތިމާވެށްޓަށް ގެއްލުން ކުޑަ މެޓީރިއަލްތައް ބޭނުންކޮށްފައިވެ އެވެ.
މި ސިގްނޭޗަރ އެޑިޝަން ޒެންބުކަކީ އައިސްލެންޑް، ތުރުކީ އަދި ޖޯޑަން ހިމެނޭ ގޮތަށް ދުނިޔޭގެ އައިކޮނިކް ގުދުރަތީ ތަންތަނުގެ ނަމުގައި ނެރޭ އައު ސިލްސިލާގެ ހަތަރު ޒެންބުކުގެ ތެރެއިން އެކެކެވެ. ނަމަވެސް މި ޚާއްސަ އެޑިޝަން މާކެޓަށް ނެރޭނެ ތާރީޚެއް އަދި ވަނީ ހާމަކޮށްފައެއް ނުވެ އެވެ.
