އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫ 2028 ވަނަ އަހަރަށް ނިންމޭނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫގެ ދަށުން އައްޑޫ ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި އާރްޑީސީން ފެން ހިންދާ ނިޒާމެއް ގާއިމު ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރުމަށް ނިންމާފައިވާއިރު 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.
އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދަރުބާރުގޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގަންނެވި އެވެ.
އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އައްޑޫ ސިޓީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ސިނާން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)
