ދެ މިނިސްޓަރަކާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދުމުންވެސް ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުނުކުރެވި ދިގުލައިގެންދާތީ އެކަން ސާފުކޮށްދިނުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް މީކާއިލް އިއްޔެ ފޮނުއްވި ސިޓީގައި ވަނީ، ވަޒީރަކާ ސުވާލު ކުރުމަށް ސުވާލު ނޯޓިސް ރައީސް މެދުވެރިކޮށް ފޮނުވުމުން، 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ވަޒީރާ ސުވާލު ކުރުން މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރަންޖެހޭކަން މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.
މިއަހަރުގެ ޖެނުއަރީ މަހު މަޖިލީހަށް ދެ ސުވާލު ނޯޓިސް ފޮނުވިކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ އެ ދެ ސުވާލުވެސް މަޖިލީހުގައި މިހާތަނަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. މީކާއިލް ސުވާލު ކުރުމަށް އެދިފައިވަނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއާ އެވެ.
މި ދެ މިނިސްޓަރުން ހާޒިރުކުރުމަށް ނޯޓިސް ފޮނުވުނުތާ 35 ދުވަސް ވެގެންގޮސްފައިވާއިރުވެސް، ސުވާލަށް ޖަވާބުދާރީވުމަށް މިނިސްޓަރުން މަޖިލީހަށް ހާޒިރު ނުކުރެވި ލަސްވާ ސަބަބު ސާފުކުރުމަށް މީކާއިލް ސިޓީގައި އެދިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، މެންބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ. އަދި މިގޮތަށް 14 ދުވަހުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައްވެސް ހިމެނައިގެން ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މެންބަރު މީކާއިލް ނަސީމް
