މޯލްޑިވްސް މަނިޓަރީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެވެ. މި ކުއްލި މައްސަލައިގައި، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މި މައްސަލަ މަޖިލީހަށް ބަލައިނުގަންނަން ނިންމަވާފައިވަނީ ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާތީ އެވެ. މަޖިލިސް ރައީސް ވިދާޅުވީ އެގޮތަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކުއްލި މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.
ހުޅުމާލޭގެ ބިމެއް އެޗްޑީސީ މެދުވެރިކޮށް 15 ވަރަކަށް ބިލިއަނަށް އެމްއެމްއޭއަށް ވިއްކާ ސަރުކާރަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. މި ފައިސާ ސަރުކާރަށް ހޯދަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކެއް މިއަހަރުގެ ތެރޭގައި ދައްކަން ޖެހިފައިވާތީކަމަށް މައުލޫމާތު ލިބެ އެވެ. އަދި މި ފައިސާ މިގޮތަށް ހޯދުމަށް މިކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށް މައުލޫމާތު ލިބެ އެވެ.
އެމްއެމްއޭއަށް މިގޮތަށް ބިމެއް ވިއްކާ ސަރުކާރަށް ފައިސާ ނެގުމަކީ ފައިސާ ޗާޕު ކުރުންކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ރައީސް މުއިއްޒު އެމަނިކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވެފައިވާ ވައުދުފުޅާ ހިލާފުވާނެކަމަށް ބައެއް މީހުން ދެކެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްއެމްއޭ