ރޯޔަލް އައިލެންޑް ރިސޯޓުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވިކަމަށް ބުނެ ފަތުރާފައިވާ ހަބަރު މާމިގިލި ދާއިރާގެ މެންބަރު އަދި އެ ރިސޯޓު ހިންގާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.
ގާސިމް މި ހަބަރު ދޮގު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ގާސިމް އިބްރާހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ 5 މާރިޗު 2025 ވަނަ ދުވަހު ”ދިޔަވަރު.ކޮމް“ ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ”ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ރޭވި ސިއްރު ރޭވުން“ މި ސުރުޚީގެ ދަށުން ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ މަޒުމޫނަކީ ”އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެއް“ ކަމަށެވެ.
އެ މަޒުމޫނުގައި ބަޔާންކޮށްފައިވާ ގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް (މަޖިލީހުގެ ނައިބު ރައީސް) ވަޑައިގެން ގާސިމް އިބްރާހީމާއި، އުއްތަމަ ފަނޑިޔާރާއި، މުޙައްމަދު ޝިހާބު ބައްދަލުކުރެއްވި ކަމަށް ލިޔެފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ދޮގު މަޢުލޫމާތެއް ކަމަށާއި، އެންމެ ފަހުން ރޯޔަލް އައިލެންޑަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން، މުޙައްމަދު ޝިހާބާއި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް 2024 އަދި 2025 ވަނަ އަހަރު ރޯޔަލް އައިލެންޑަށް ވަޑައިގެންފައި ނުވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މިފަދަ ދޮގު ޚަބަރުތައް ފަތުރަނީ ”މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި“ ކަމަށާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ”ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށް އޮތް ލައިސަންސެއް“ ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ގާސިމް އިބްރާހިމް ސުޕްރީމް ކޯޓު


