މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބަޔާން ހުށަހަޅައިފި އެވެ.
މި މައްސަލައިގައި ދިވެހިރާއްޖެއިން ލިޔުމުން ހުށަހަޅާފައިވާ އޮބްޒަރވޭޝަންސް ހުށަހަޅާފައިވަނީ މި މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުންނެވެ. މި ބަޔާން ހުށަހަޅާފައިވަނީ 28 ފެބުރުވަރީ 2025 ގަ އެވެ.
މިއީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން 11 ނޮވެންބަރު 2019 ގައި އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން އައިސީޖޭއިން ވަނީ 3 ފެބުރުވަރީ 2024 ގައި ބަލައިގަނެފަ އެވެ.
ދިވެހިރާއްޖޭގެ އޮބްޒަރވޭޝަންސްގައި އަލިއަޅުވާލާފައިވަނީ، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން ”ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވެ އެވެ.
ރޮހިންޖާ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކުގެ ފަސްފަހަތް:
މިއަންމާގެ ރަކައިން ސްޓޭޓްގައި ދިރިއުޅެމުން އައި ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާވެރި އަމަލުތަކަކީ މިއަދު ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ހަމަނުޖެހުމެވެ. 2017 ވަނަ އަހަރު މިއަންމާ ސިފައިން އެ ސަރަހައްދުގައި ހިންގި އަނިޔާވެރި ޙަމަލާތަކާ ގުޅިގެން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
މިއަންމާ ސަރުކާރުން ރޮހިންޖާ މުސްލިމުންނަކީ އެ ޤައުމުގެ ރައްޔިތުން ނޫން ކަމަށް ބުނެ، އެ މީހުންގެ އަސާސީ ޙައްޤުތައް ވަނީ ނިގުޅައިގަނެފައެވެ. މީގެ ސަބަބުން އެ މީހުންނަށް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.
2017 ވަނަ އަހަރު ހިނގި އަނިޔާވެރި ޙަމަލާތަކުގައި މަދުވެގެން 25،000 މީހުން މަރުވެފައިވާއިރު، 700،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް ފިލަން މަޖުބޫރުވެފައެވެ. މި ޙަމަލާތަކުގައި ސިފައިން ވަނީ ގިނަ އަދަދެއްގެ މީހުން މަރާލައި، އަންހެނުންނަށް ޖިންސީ އަނިޔާކޮށް، ގޭގެއާއި މިސްކިތްތަކަށް އަލިފާން ރޯކޮށްފައެވެ.
ރޮހިންޖާ މުސްލިމުން ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް މިޔަންމާ