ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 5.2 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.
ކަސްޓަމްސްއިން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ތެޔޮ އެތެރެ ކުރަން ކުރި ހަރަދާއެކު ރާއްޖެއަށް ޖެނުއަރީ މަހު އިމްޕޯޓް ކުރި މުދަލުގެ އަގު 5.2 ބިލުއަން ރުފިޔާއަށް އަރަ އެވެ. ތެލަށް ކުރި ހަރަދު ނުލާ އެ މަހު އިމްޕޯޓް ކުރި މުދަލުގެ އަގު އަރަނީ 4.4 ބިލިއަން ރުފިޔާ އަށެވެ.
ރާއްޖެއަށް ޖެނުއަރީ މަހު އިމްޕޯޓު ކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. އެގޮތުން 960 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެމަހުގެ ތެރޭގައި އެތެރެ ކުރި އެވެ. މީގެ އިތުރުން 728 މިލިއަން ރުފިޔާގެ ޕެޓްރޯލާއި ޑީސެލްއާއި އޭވިއޭޝަން ފިއުލް އެތެރެކޮށްފައިވެ އެވެ. އުޅަނދުތަކާއި އުޅަނދުތަކުގެ ސްޕެއާ ޕާޓްސްގެ ގޮތުގައި 140 މިލިއަން ރުފިޔާގެ މުދާ މިދިޔަ ޖެނުއަރީ މަހު ރާއްޖޭއަށް އެތެރެ ކުރި އެވެ.
ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން ވަނީ 1045 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފަ އެވެ. ދެވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް 1043 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު ތިންވަނައިގައި އޮތް ޔޫއޭއީއިން ރާއްޖެއަށް އެތެރެ ކުރީ 1006 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން ޖެނުއަރީ މަހު ވަނީ 144 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. އެކްސްޕޯޓް ކުރި ބާވަތްތަކަށް ބަލާއިރު މުޅިންވެސް ހުރީ މަހުގެ ބަވަތްތަކެވެ. އެގޮތުން ދަޅު މަހުގެ ގޮތުގައި 29 މިލިއަން ރުފިޔާގެ މަސް ބޭރު ކުރި އިރު މަސް ގަނޑުކޮށްގެން 92 މިލިއަން ރުފިޔާގެ މަސް ވަނީ ރައްޖޭން ބޭރުކޮށްފަ އެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޯށްފައިވަނީ ތައިލެންޑަށާއި އިނގިރޭސި ވިލާތަށެވެ. އެގޮތުން ތައިލެންޑަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު އިނގިރޭސި ވިލާތަށް 25 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.
ކަސްޓަމްސްއަށް ޖެނުއަރީ މަހު 287 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ރޯޔަލްޓީގެ ގޮތުގައި 24 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.