ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރެއް ގއ. ކޮލަމާފުށީގައި ގާއިމްކުރުމަށްޓަކައި އެރަށުން ބިމެއް ޔުނިވަރސިޓީއާ ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މިކަމަށް އެއްބަސްވެ ސޮއިކުރެއްވީ ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހިމް ވަހީދާއި އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ. މި އައުޓްރީޗް ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 15،000 އަކަފޫޓުގެ ބިމެއްގަ އެވެ.
އެމްއެންޔޫއިން މައުލޫމާތު ދެއްވިގޮތުގައި، މި ސެންޓަރަކީ ކޮލަމާފުށްޓަށާއި މުޅި ހުވަދޫ އަތޮޅަށް ކުރިއެރުން ގެނެސްދޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެ އެވެ. މި ސެންޓަރުގައި ދިރާސާތައް ކުރިއަށް ގެންދިއުމާއެކު، ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ އެވެ.
މި މަޝްރޫއުގެ ސަބަބުން އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް ކޮލަމާފުށި އަދި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމްއެންޔޫއިން ފާހަގަކުރެ އެވެ.
މި ސެންޓަރު ގާއިމްކުރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ކަމާގުޅޭ ތައުލީމާއި ތަމްރީނު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
މަސްވެރިކަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގއ. ކޮލަމާފުށި