ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށްއެދިފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. މެންބަރުން ވަކިކުރުމުގެ އިޖުރާއަތު ނުހިންގުމުގެ ވަގުތީ އަމުރަކަށް އެދިފައިވަނީ މި މައްސަލައިގެ ތެރެއިންނެވެ.
އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ވަގުތީ އަމުރަށް އެދުނު މައްސަލައިގައި އަލީ ހުސައިން މީގެކުރިން ވިދާޅުވެފައިވަނީ، ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށައަޅާފައިވާ ކަމަށެވެ.
މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވަނީ، އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށެވެ. އަދި މައްސަލައިގައި ދައުލަތުން ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީގެ މަސައްކަތް ނިންމާ، މަޖިލީހުން ބިލު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައިވެ އެވެ.
މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް އަލީ ހުސެއިން ސުޕްރީމް ކޯޓު